ޒައީމު ޓަބްސް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރާއިރު، އެ މަނިކުފާނުގެ އަތްޕުޅުގައި ބެލިސްޓިކް މިސައިލެއް އަދި ރޮކެޓް ޕުރޮޕެލްޑު ގުރެނޭޑެއް ކޮނޑުފުޅުގައި އެޅުވިފައި ހުންނާނެއެވެ. އަދި، އެމަނިކުފާނުގެ ޕާޓީގެ އެހެނިހެން ވެރިންގެ އަތުގައި ހޭންޑު ގުރެނޭޑްވެސް ހުންނާނެއެވެ. އެއީ ފަހަރުގައިވެސް ރައްޔިތުން ޒައީމު ޓަބްސް ހޮވާފައިވަނިކޮށް އެކަންތައް އެހެން ބަޔަކު ފަނިކޮށްލަފާނެތީއެވެ. އެކަމަކު މީ ގާނޫނާއި ޚިލާފު ކަމަކަށްވެސް ވެދާނެއެވެ. ރައްޔިތުންގެ ހައްގުގައި ޒައީމު ޓަބްސް އެކަމަކު މިކަން އިޚުލާސްތެރިކަމާއެކު ކުރާނެއެވެ.
---
ދިވެހި މަސައްކަތުމީހުންގެ ޕާޓީ މެނިފެސްޓޯ 2
1 މާރޗް 2008
ޒައީމުކަން ނިގުޅައިގަތުން
އަންނަނިވި ހާލަތްތަކުގައި، ނުވަތަ މި ކަންތައްތައް ޒައީމު ޓަބްސް ކޮށްފިނަމަ ޒައީމުކަން ނިގުޅައިގަނެވޭނެއެވެ.
1. ބަނގުރާ އަދި ބުދު އެތެރެކުރުމާއި، ވިއްކުން، ބުއިން، އުފުލުން ނުވަތަ މީންކަމަކަށް ހުއްދަ ދިނުން ( ވަރިހަމަ ބިލިޔަނަރުން ޕާޓީ ނުބޭއްވޭތީ ފަތުރުވެރިކަމު ރާއްޖެ ނަޔަސް)
2. ޖައްވަށް، ފަޒާޔަށް، ވައިގެތެރެޔަށް ނުވަތަ އެނޫންވެސް އެހެން ދޭތެރެޔަކަށް ބަޑި ޖަހައިގެން، ބޮންގޮއްވައިގެން، ކަނޑިން ނުވަތަ ދަންޖައްސައިގެން ނުވަތަ ހާނިކަކޮށް ތަޅައިގެން ވިޔަސް މީހަކު ނުވަތަ ބަޔަކު މެރުން
3. ފިސްތޯލަ ހިފައިގެން ހުރެ ހުވާ ކުރުން (އެހެން އެއްޗެއް ހިފައިގެން ހުރުން މި މާއްދާއަކުން މަނައެއް ނުކުރާނެ)
4. އޮފީހުގަ އުޅޭ އަންހެން ނުވަތަ ފިރިހެން މުވައްޒަފެއްގެ ފުރިސިޔާނާ ބޮނޑި ނުވަތަ ކޮތަޅުގައި ހިފުމާއި، އެއިން އެއްވެސް މީހެއްގެ އެއްޗެއްގައި ރުހުމުގައި ނުވަތަ ނުރުހުމުގައި ނަމަވެސް އަނގަޖަހާ ފިރުމުން
5. އުމުރުން 100 އަހަރު ނުވަނީ ޒުވާންކަމަށް ދައުވާކުރުން
6. އަސޭމިރުސް ހިކިކޮށް ނުވަތަ ދިޔާކޮށްވިޔަސް މީހުން ގަޔަށް ޖެހުން
7. ބޮޑި ބަތާއި މަގު ފޭރުން
8. ކަނޑު ފޭރުން، މިސާލަކަށް އޮޑިދޯނި ފަހަރު ބަޑީގެ ބިރު ދައްކައިގެން ފޭރި އޭގެ މީހުން ރަހީނުކުރުން
9. ރޯ އޮރިޔާމުން ނުވަތަ ބަރަހަނާކޮށް ހުރެ މަގުމަތީގައި އުޅުން ނުވަތަ ގައުމާ މުޚާތަބުކުރުން
10. ތިންފަށްވުން އަދި ފިރިހެނުންނާއި އެކު ޖިންސީ ގުޅުން ބޭއްވުން
ޕޯސްޓް މޯޓަމް ހެދުން
ކޮންމެ ދިވެއްސަކުވެސް މަރުވުމުގެ ކުރިން ޕޯސް މޯޓަމް ހަދަން ޖެހޭނެއެވެ. އެއީ މަރުވާނީ ކިހިނެތްތޯ ބެލުމަށެވެ. އަދި ޕޯސްޓް މޯޓަމް ހެދި ޑޮކްޓަރުގެ ނަމާ، ހެދި ގައުމުގެ ނަމާއި ތާރީޚު ޕާސް ޕޯޓުގައި ނުވަތަ އައިޑީ ކާޑުގައި ޖަހާފައި އޮންނަންވާނެއެވެ.
ޚިތާނު ކުރުމާއި ބަނޑިޔާ ޖެހުން
ސިޔާސީ ޕާޓީތަކުން ޚިތާނު ކޮށްދޭ ގޭގޭގައި ޑީއެމްޕީ އިން ހިލޭ ބަނޑިޔާ ޖަހާ ދެވޭނެއެވެ. ބަނޑިޔާ ޖަހާއިރު މުޅިންވެސް ކިޔާނީ ގައުމީ ލަވަޔޭ ކިޔާފަ ޒައީމު ޓަބްސަށް ހަމްދު ސަނާކޮށް ހުސާމަތުކޮށް ލިޔެފައި ހުންނަ ލަވަލަވައެވެ. މި މޭރުމުން ބަނޑިޔާ ޖެހުމަކީ ގައުމީ ކުޅިވަރެއްގެ ފެންވަރުގައި ޖަހާ އެއްޗެކެވެ.
މަސް ކިރުމުގެ ހައްގު އަދި ކެޔޮޅުންނާއި މަސްވެރިންގެ ފެންވަރު
ތިޔަ ހުރެ ޖަހާ މަޅިފަތިތަކަށް، ކިޔަމަންވެ ބޯ ނުމަހާނަމޭ،
ދިޔަޔަސް ފުރާނަ މި ފަސްގަނޑަށް، ބޭނި މަސްކޮޅު ކިރާނަމޭ،
މާ ކެޔޮޅުންނަކީ މިނިސްޓަރުންގެ ފެންވަރުގެ ބަޔެކެވެ. ކެޔޮޅުންނަކީ މިނިސްޓަރުންގެ ނައިބުންގެ ފެންވަރެވެ. އާދައިގެ މަސްވެރިންނަކީ ރިސޯޓުތަކުގެ ފުރަންޓު އޮފީސް މެނޭޖަރުންގެ ފެންވަރުގެ ބަޔެކެވެ.
ދޭތެރެ ދުރުކުރުމާއި ކައިވެނި ރޫޅާ ލުން
ދޭތެރެ ދުރުކުރުން ގާނޫނީ ގޮތުން ހޮވޭ ޑީއެމްޕީގެ ސަރުކާރުން މަނާ ކުރެވޭނެއެވެ. މިހާރުވެސް މިޖެހެނީ އާބާދީ ކުޑަކަމުން ބަންގާޅުންނާ އެތައް މިތަނުން މީހުން ގެންނާށެވެ. އެހެންވީމާ ދޭތެރެ ދުރުކުރުމަކީ ގައުމަށް އެހާ އިޚުލާސްތެރި ކަމެއްކަމުގައި ނުބެލެވޭނެއެވެ. ޑީއެމްޕީން ދޭތެރެ ކައިރިކުރަން ކުރެވުނުހާ މަސައްކަތެއް ވަރަށް އިޚުލާސްތެރިކަމާއެކު ކުރާނޫއެވެ.
ކައިވެނި ރޫޅާލުން ދީނުގައި އޮންނަގޮތަށް ހަވާލު ކުރެވޭނީ ސީދާ ފިރިމީހާއާއި އެވެ. 5000 ރުފިޔާ ދީގެން ގާޒީން ލައްވާ ކޮންމެހެން ވަރިކުރާކަށް ނުޖެހޭނެއެވެ. މިއުޅެނީ ލާރި ގިނަވެގެންނެއް ނޫނެވެ.
ޝީ ގެ ނަން ބަދަލުކުރުމާއި ހިންގުން
ޒައީމު ޓަބްސްގެ ގާނޫނީ ގޮތުން ހޮވޭ ސަރުކާރުން ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން ގެ ނަން ' ސޮސައިޓީ ފޯ ފުރަގަސްފަރާތު އަދި ރާއްޖެ ބައްޔަށް ބޭސްކުރުން' މިނަމަށް ބަދަލު ކުރާނަމެވެ. އަދި މިތަން ހިންގާނީ ޒައީމު ޓަބްސް ކައިވެނި ބައްލަވައިގަނެގެން އުޅުއްވާނަމަ ސީދާ ފަސްޓު ޒައީމަތެވެ. ޒައީމު ޓަބްސް ކައިވެނި ބައްލަވައިގެން ނޫޅުއްވާނަމަ ވަގުތީ ގޮތުން އެތަން ހިންގާނީ ޒައީމު ހިތްޕުޅާ ހަމަކުރައްވައިގެން އުޅުއްވާ ކަމަނާ ބިޓެއްގެ ފެންވަރުގައެވެ.
ނަސްރުގެ ދުވަސް ނޮވެމްބަރ 4 އަކަށް ބަދަލުކޮށް ނޮވެމްބަރު 3 ޝަހީދުންގެ ދުވަސް 2 އަށް ބަދަލު ކުރުން
1988 ނޮވެމްބަރު 3 އަކީ މި ފަހުން އެންމެ ގިނަ ދިވެހިން ޝަހީދުވީ ދުވަހެވެ. އެދުވަހަކު ނަސްރެއް ލިބުނުކަން ދެނެހުރި ދިވެއްސެއް ނޫޅޭނެއެވެ. ނަސްރެއް ލިބުނިއްޔާ ލިބުނީ އޭގެ އަނެއް ދުވަހު އިންޑިޔާގެ ރަތްފަގުޑި ފައުޖު ރާއްޖެއަށް އިސްތިއުމާރީ ބާރެއްގޮތަށް އައިސް އަރައިގަތީމައެވެ. އެހެންވީމާ އަލިރަސްގެފާނު ޝަހީދުވީ ދުވަސް އެއީ ޝަހީދުންގެ ދުވަސް 1 ގެ ގޮތުގައި ބާއްވާފައި، މަތީގައި ވާގޮތަށް މި ދެދުވަސް ފާހަގަ ކުރާނީއެވެ. ދެން ފާހަގަ ކުރަނީޔޭ ކިޔާފަ ކޮންމެހެން މިލިޔަން މިލިޔަނުން ގިގުޑި އަޅައި އިސްރާފު ކުރާނީޔަކީ ނޫނެވެ. ރަނގަޅު ވަރެއްގެ ޖަލްސާއެއް ބާއްވާފަ ޒިކުރާ އާކޮށް އެކަމުން އިބުރަތް ހޯދާނީއެވެ.
އީދު ސަލާން ކުރުން
ސަލާން ކުރުމަކީ ޒައީމު ޓަބްސް ގެ ބަނޑު ފުޅަށް ވަޅިފުޅެއް ކުއްލި ދާނެ ފަދަ ފުރުސަތަށް ވެދާނެތީ، ގައުމީ ސަލާމަތަށްޓަކައި، ޒައީމު ޓަބްސާ ސަލާން ކުރުމުގެ ބަދަލުގައި ދުރުގައި ތިބެގެން ކިޔާނީ ޓާޓާއެވެ.
ހިޔުމަން ރައިޓްސް
ޒައީމު ޓަބްސްއަށް ތަސައްވުރު ކުރެވޭގޮތުގައި، އިންސާނުންގެ ހިއުމަން ރައިޓްސް ޗިޕު އިންނަނީ ވިހާފަ އެ ވަޅުލާ މަހުގައެވެ. ދިވެހިންނަށް އެ ރައިޓްސް ނުލިބެނީކީ ނޫނެވެ. އެ ރައިޓްވަނީ ބިމު އަޑީގައި ވަޅުލެވިފައެވެ. އެހެންވީމާ އެ ރައިޓްސް ލިބޭނީ ބިމު އަޑިޔަށް މީހާ މަރުވެގެން ދިޔައީމައެވެ. އެހެންނަމަވެސް، ގާނޫނީ ގޮތުން ޒައީމު ޓަބްސްގެ ސަރުކާރު އުފެދޭ ދުވަހުން ފެށިގެން ވިހޭ މަސް ވަޅުލުން މަނާކުރެވޭނެއެވެ. އެ މަސް ޖެހޭނީ މަންމަޔާ ބައްޕަ ފެނުކައްކައިގެން ނުވަތަ ރިހަ ކައްކައިގެން ކާލާށެވެ. އައުލާކަން ބޮޑުވާނީ ސަޝިމީ ހަދާލައިގެން ފެންބަތާއެކީ ކާލިއްޔާއެވެ. ކޮންމެއަކަސް މިހެން ކަންތައްކުރުމުން ޒައީމު ޓަބްސްގެ ގާނޫނީ ސަރުކާރު އުފެދޭ ދުވަހުން ފެށިގެން އުފަންވާ ދިވެހި ދަރީންގެ ހިޔުމަން ރައިޓްސް އަބަދުމެ ލިބިލިބި ހުންނާނެތެވެ.
ވެބްސައިޓް ބްލޮކް ކުރުން
ޒައީމު ޓަބްސްގެ ގާނޫނީ ގޮތުން ހޮވިފައިވާ ސަރުކާރަށް ފާޑުކިޔާ، ތެދަސް ދޮގަސް، އެ ޚަބަރެއްގެ ސަބަބުން ޒަމާނުއްސުރެ ރާއްޖޭގައި މި އޮންނަ ވަހުދަތު ނިގުޅިގެން ދާފަދަ ޚަބަރު ޖަހާ، ޒައީމުއަށް ފުރައްސާރަކޮށް މަލާމަތްކުރާ ހުރިހާ ވެބްސައިޓްތައް ތަނެއް ދޮރެއް ބަލާ ނުލާ ބުލޮކް ކުރެވޭނެއެވެ. މީގެ އިތުރުން ހުރިހާ އޮރިޔާން ސައިޓުތައްވެސް ބުލޮކު ކުރެވޭނެއެވެ. އެއީ ރޭގަނޑުދާ ހަތަރު ދަމު އެ ސައިޓުތައްބަލާފަ އަދި އެވަރުން ނުވެގެން ދުވާލު އޮފީސް ގަޑީގަވެސް މުވައްޒަފުން ހޭ ކަނޑާލާތީއެވެ. ދޭތެރެޔަކުން ބަލާލާނަމަ އެންމެ ރަނގަޅެވެ.
ގާނޫނު އަސާސީ އިސްލާހުކުރުމާއި، ރައްޔިތުންގެ މަޖުލީހާއި ޚާއްސަ މަޖުލިސް
މާގިނަ މަޖުލިސްތައް އޮތުމަކީ ބޭކާރު ޚަރަދުތައް އިތުރުވާ ކަމެކެވެ. އެހެންވީމާ، ރައްޔިތުންގެ މަޖުލީހާއި، ޚާއްސަ މަޖުލިސް އުވާލާއިފައި، އެތަނުން ކުރާ ކަންތައްތައް ކުރާނީ ޒައީމު ޓަބްސް ހޮވާ 6 މެންބަރުންގެ ކޮމިޓީއަކުންނެވެ. އަދި، މިސުރުގެ ގާނޫނީ އަސާސީ ގެ ސޮފްޓް ކޮޕީއެއް ހޯދާފައި، ކަޓް އެންޑް ޕޭސްޓް، ފައިންޑު އެން ރިޕްލޭސް، މި ދެ ފަންކްޝަން ބޭނުންކޮށްގެން ދެ އައިޓީ ގޮލަޔަކު ލައްވާ ދެތިން ދުވަހުން ގާނޫނު އަސާސީއެއް ހަދާލެވިދާނެއެވެ. ހަދާ ނިމިގެން ކޮންމެ ގޭބީސީއަކަށް ކޮޕީއެއް ޗާފުކޮށްފައި ބަހާނީއެވެ.
ބޮޑުތަރުތީބު ތަރުޖަމާކުރުން
ބޮޑު ތަރުތީބު އަރަބި ބަހަށް ތަރުޖަމާކޮށް، ކޮންމެ ގޭބީސީއަކަށް 2 ކޮޕީ ޒައީމު ޓަބްސް ހަދިޔާކުރާނެއެވެ. ވަކި މުއްދަތެއް ބުނާކަށް އަދި ނޭނގެއެވެ. ލަސްވެގެން 30 އަހަރު ދުވަހުގެ ތެރޭގައި މިކަން އެކަމަކު ކުރެވޭނެއެވެ.
ދީނީ އެއްބައިވަންތަކަމުގެ ސިޔާސަތުގެ ދަށުން ހިންދީ ފިލްމު ބެލުން މަނާކުރުން
ހިންދީ ފިލްމަކީ ބުދު ދީން ރާއްޖޭގައި ފަތުރަން ބާރު އަޅައިދޭ އިބްތިހާލީ ވަސީލަތެކެވެ. ވީމާ، ރާއްޖޭގައި މިއޮތް ދީނީ ވަހުދަތު ހަލާކުވެ، ގައުމު ވަތަވައްސި ވެދާނެތީ، ޒައީމު ޓަބްސްގެ ގާނޫނީ ގޮތުން ހޮވޭ ސަރުކާރުން ހިންދީ ފިލްމު އެތެރެ ކުރުމާއި، ވިއްކުމާއި، ކުއްޔަށް ދިނުމާއި، ޑައުންލޯޑުކުރުން އަދި ހިންދީ ލަވަޖެހުންވެސް މަނާކުރެވޭނެއެވެ.
ކަންތައްތަކާ 'ބެހޭ' މަޖުލިސްތައް އުވާލުން
އެއްވެސް މަޖުލީހަކުން އެއްވެސް ކަމަކާ ބެހިގެން ނުވާނެއެވެ. އަދި އެފަދަ މަޖުލިސްތައް ޒައީމު ޓަބްސްގެ ގާނޫނީ ގޮތުން ހޮވޭ ސަރުކާރުން އުވާލެވޭނެއެވެ.
ކެބިނެޓް އަދި މިނިސްޓްރީތައް އަދި މުސާރަޔާއި އެހެނިހެން އިނާޔަތްތައް
ޑީއެމްޕީގެ މެގަ ޕުރޮޖެކްޓް މެނިފެސްޓޯގައިވާ 2050 ތަސައްވުރަށް ހާސިލުވުމަށްޓަކައި ވަރަށް ގިނަ އަދަދަކަށް މިނިސްޓްރީތައް އުފެއްދޭނެއެވެ. އެކަމަކު ޚަރަދު ކުޑަ ކުރުމުގެ ގޮތުން މިނިސްޓަރެއްގެ މުސާރަޔަކީ މަހަކު 1850 ރުފިޔާއެވެ. އެލަވަންސަށް ކޮންމެ ތިންމަހަކުން އެއްމަހު 350 ރުފިޔާ ދެވޭނެއެވެ. މިގޮތުން އުފެއްދޭނެ ބައެއް މިނިސްޓްރީތަކުގެ ލިސްޓެއް ވަރަށް އަވަހަށް ގެނެސްދެވޭނެއެވެ.
ޑީއެމްޕީގެ ކަމިޝަން މެނިފެސްޓޯ - ޚާއްސަ ބައެއް
ޑީއެމްޕީގެ ސަރުކާރެއްގައި ސިވިލް ސާވިސް ކަމިޝަނެއް ނޯންނާނެ... ބަދަލުގައި އޮންނާނީ
ސިވިލް ސާވިސް ކަމިޝަން ފެންވަރުގަ ހެދޭ ތަފާތު ބައްތިރީސް ކަމިޝަން
6 އެޕްރީލް 2008
ސިވިލް ސާވިސަސް ކަމިޝަންއަކީ ގައުމީ ވަހުދަތާއި، ތަސައްވުރާއި، ސުލްހަ މަސަލަސްކަމާއި، އަމާންކަމާއި، ދިވެހި ބަހަށް އަދި ދިވެހި އަދަބިއްޔާތަށް ވަރަށް ގެއްލުން ލިބިދެނިވި އެއްޗަކަށްވެފައި، ގިނަ އަދަދެއްގެ ބަޔަކަށް އެއްވެސް ކަމަކާނުލާ ހާޓެޓޭކު ޖެހިދާނެ އެއްޗަކަށްވާތީ، ޒައީމު ޓަބްސްގެ ގާނޫނީ ގޮތުން އުފެދޭ ސަރުކާރެއްގައި ސިވިލް ސާވިސަސް ކަމިޝަނެއް އޮތަކަ ނުދޭނަމެވެ. އޭގެ ބަދަލުގައި ޒައީމީ ގަރާރަކުން ހަދާނީ އެހެން ބައްތިރީސް ކަމިޝަންތަކެވެ. އެކަމަކު އެއިން ކޮންމެ ކަމިޝަނަކީވެސް ސިވިލް ސާވިސް ކަމިޝަނެކޭ އެއްފެންވަރެއްގެ ކަމިޝަންތަކެވެ. މިގޮތަށް ހެދޭ ކަމިޝަންތަކުގައި ސަރުކާރު މުވައްޒަފުންގެ އިތުރުން، ގަސްގަހާގެހި، މަސްމަހާމެހި އަދި މާމެލާމެލިވެސް ހިމެނިގެން ދާނެއެވެ. ތިރީގައި އެވަނީ މިގޮތަށް އުފެއްދޭނެ 32 ކަމިޝަނުގެ ނަންތަކާއި، އެ ކަމިޝަނެއްގައި ހިމެނޭނެ ބައިތަކެވެ.
1. ޒައީމީ ކަމިޝަން : މީގައި ހިމެނޭނީ ޒައީމު ޓަބްސް ހިމަނަން ބޭނުންވާ ބަޔެއް، ޒައީމުންގެ ފެންވަރުގައެވެ. އުމުރުން 300 އަހަރު ވުމުގެ ކުރިން އެމީހުން ވަޒީފާއިން ވަތްކެއް ނުކުރެވޭނެއެވެ.
2. ރިޔާސީ ކަމިޝަން : މީގައި ހިމެނޭނީ ގާނޫނީ ގޮތުން ހޮވޭ ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާ އެކަންޏެވެ.
3. ނައިބު ރިޔާސީ ކަމިޝަން: މީގައި ހިމެނޭނީ ގާނޫނީ ގޮތުން ހޮވޭ ސަރުކާރުގެ ނައިބު ރައީސުންނެވެ.
4. މިނިސްޓަރުންގެ ކަމިޝަން: މީގައި ހިމެނޭނީ ހަމައެކަނި މިނިސްޓަރުންނެވެ.
5. މިނިސްޓަރުންގެ ނައިބުންގެ ކަމިޝަން: މީގައި ހިމެނޭނީ މިނިސްޓަރުންގެ ނައިބުންނެވެ.
6. ސުޓޭޓު މިނިސްޓަރުންގެ ކަމިޝަން: މީގައި ހިމެނޭނީ ސުޓޭޓު މިނިސްޓަރުންނެވެ.
7. ފެންވަރުގެ ކަމިޝަން: މީގައި ހިމެނޭނީ މިނިސްޓަރުންގެ ފެންވަރުގެ މީހުންކަމަށް ޒައީމީ ގަރާރަކުން ނިންމާފައިވާ، މިނިސްޓަރުންނާ އެއްވަރުގެ މުސާރަޔާއި އިނާޔަތް އޮންނަ، އެކަމަކު މިނިސްޓަރުންނަށްވުރެ ނުފޫޒާ، ބާރުގަދަ މީހުންނެވެ. މީގެ އިތުރުންވެސް އެއްވެސް ފެންވަރެއްގެ ވަޒީފާއެއްގައި މީހަކު އުޅެންޏާ، މިސާލަކަށް ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ކޯޑިނޭޓަރަކަށް، މިނިސްޓަރުންގެ ފެންވަރުގައި ކޮންމެސް ޚިދުމަތެއްގެ ރައީސަކަށް، މިކަހަލުގެ އެންމެން ހިމެނޭނީ މި ކަމިޝަނުގައެވެ.
8. އެގުޒެކެޓިވް ކަމިޝަން: މީގައި ހިމެނޭނީ އެގުޒެކެޓިވު ޑިރެކުޓަރުންނޭ ކިޔާ މީހުންނާއި، ވަޒީފާ ނަމުގެ ކުރިޔަށް، ފަހަތަށް ނުވަތަ މެދުތެރެޔަށް ނަމަވެސް އެގުޒެކެޓިވް އަންނަ އެންމެނެވެ.
9. ޑިރެކްޓަރުންގެ ކަމިޝަން: މީގައި ހިމެނޭނީ ހަމަ އެކަނި ޑިރެކްޓަރުންނާއި އެ ފެންވަރުގެ މީހުންނެވެ.
10. ޑެޕިއުޓީ ޑިރެކްޓަރުންގެ ކަމިޝަން: މީގައި ހިމެނޭނީ ޑެޕިއުޓީ ޑިރެކްޓަރުންނާއި އެފެންވަރުގެ މީހުންނެވެ.
11. އެސިސްޓެންޓް ޑިރެކްޓަރުންގެ ކަމިޝަން: މީގައި ހިމެނޭނީ އެސިސްޓަންޓް ޑިރެކްޓަރުންނާއި އެފެންވަރުގެ މީހުންނެވެ.
12. ސެކެޓެރީންގެ ކަމިޝަން: މީގައި ހިމެނޭނީ ސެކެޓެރީންނާއި އެ ފެންވަރުގެ މީހުންނެވެ.
13. ކާތިބުންގެ ކަމިޝަން: މީގައި ހިމެނޭނީ ކާތިބުނާއި އެ ފެންވަރުގެ މީހުންނެވެ.
14. ފިޔޯނުންގެ ކަމިޝަން: މީގައި ހިމެނޭނީ ޕިޔޯނުންނާއި ޕިޔޯނުންގެ ފެވަރުގެ މީހުންނެވެ.
15. ބަންގާޅީންގެ ކަމިޝަން: މީގައި ހިމެނޭނީ ސަރުކާރުގަ އުޅޭ ބަންގާޅީންނާއި އެހެނިހެން ބޭރު މީހުންނެވެ. މީގެ ކަމިޝަނަރަކަށް ލާނީ ދިވެއްސަކާ އިނދެގެން އުޅޭ ބަންގާޅިއެކެވެ.
16. މަސައްކަތު މީހުންގެ ކަމިޝަން: މީގައި ހިމެނޭނީ ސަރުކާރުގަ އުޅޭ މަސައްކަތު މީހުންނާއި އެ ފެންވަރުގެ އެހެން މީހުންނެވެ.
17. މުދިމުންގެ ކަމިޝަން: މީގައި ހިމެނޭނީ ހުސް މުދިމުންނާއި އެ ފެންވަރުގެ މީހުންނެވެ.
18. އަތޮޅުވެރިންގެ ކަމިޝަން: މީގައި ހިމެނޭނީ ހުސް އަތޮޅުވެރިންނާއި އެ ފެންވަރުގެ އެންމެނެވެ.
19. އަތޮޅުވެރިންގެ ނައިބުންގެ ކަމިޝަން: މީގައި ހިމެނޭނީ އަތޮޅުވެރިންގެ ނައިބުންނާއި އެ ފެންވަރުގެ އެންމެނެވެ.
20. ބޮޑު ކަތީބުންގެ ކަމިޝަން: މީގައި ހިމެނޭނީ ބޮޑު ކަތީބުންނާއި އެ ފެންވަރުގެ އެންމެނެވެ.
21. ކަތީބުންގެ ކަމިޝަން: މީގައި ހިމެނޭނީ ކަތީބުންނާއި އެ ފެންވަރުގެ އެންމެނެވެ.
22. ކުޑަކަތީބުންގެ ކަމިޝަން: މީގައި ހިމެނޭނީ ކުޑަކަތީބުންނާއި އެ ފެންވަރުގެ އެންމެނެވެ.
23. ކަމިޝަނަރުންގެ ކަމިޝަން: މީގައި ހިމެނޭނީ ހުރިހާ ކަމިޝަނަރުން ނެވެ. އެމީހުންވެސް ސީދާ ކަމިޝަނެއްގެ ދަށުގައި އޮތުމުން ގައުމު ހިންގަން ފަސޭހަވެ، ޒަމާނުއްސުރެ ރާއްޖޭގައި މި އޮންނަ ސަމާހަތު އޮތުމަށް މަގު ފަހިވާނެއެވެ.
24. އޮފިސަރުންގެ ކަމިޝަން: މީގައި ހިމެނޭނީ ހުރިހާ އޮފިސަރުންނެވެ. ފުލުހުންނާއި، ސިފައިންނާއި ސެކިއުރިޓީ އޮފިސަރުންނެވެ. މިގޮތުން ސަރުކާރުގެ ތަންތަން ގާޑު ކުރަން ހޭލާ ތިބޭ އޮފިސަރުންވެސް މި ކަމިޝަނުގައި ހިމެނޭނެއެވެ. އެއީ ބޭރު މީހަކު ކަމަށް ވާނަމަ، މިސާލަކަށް ޝާހުލް ޔޫސުފުލް ޝަފީގު ކިޔާ މީހަކަށް ވާނަމަ، މި ކަމިޝަނުގެ އިތުރުން ބަންގާޅިންގެ ކަމިޝަނުންވެސް އޭނަޔާ ބެހޭ ކަންކަން ކުރުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު އޮންނާނެއެވެ. އެކަމަކު، މުސްކުޅިކޮށް ވަޒީފާއިން ވަކި ކުރެވޭނީ ދެ ކޮމިޝަނުގެ ހުއްދަޔާއެކު، ޒައީމު ޓަބްސްއަށް ލިޔުމަކުން އެނގުމަށްފަހު، ރައްޔިތުންގެ މަޖުލީހުގެ އަގުލަބިއްޔަތު ލިބުމަށް ފަހު ޕޮލިސް ކަމިޝަނަރުގެ ހުއްދައާ އެކުއެވެ.
25
. ފުލުހުންގެ ކަމިޝަން: މީގައި ހިމެނޭނީ ފުލުހުންނާއި އެ ފެންވަރުގައި ގޭންގު ހަދައިގެން އުޅޭ އެންމެންނެވެ.
26. ސިފައިންގެ ކަމިޝަން: މީގައި ހިމެނޭނީ ސިފައިންނެވެ. މީގެތެރެޔަކު ކޯސްޓްގާޑެއް ނުހިމެނޭނެއެވެ. އެއީ އަދި މުޅިން އެހެން ބަޔެކެވެ.
27. ކޯސްޓްގާޑް ކަމިޝަން: މީގައި ހިމެނޭނީ ކޯސްޓްގާޑުންނާއި، އެ ފެންވަރުގައި ބޭރުގެ ބޯޓުތައް ހިފާ މަސްވެރިންނެވެ.
28. އިންޓަނެޓް ކަމިޝަން: މީގައި ހިމެނޭނީ ސަރުކާރުގެ އިންޓަނެޓު ދާއިރާގައި މަސައްކަތް ކުރަ އެންމެންނެވެ.
29. ޓެލެފޯން ކަމިޝަން: މީގައި ހިމެނޭނީ ސަރުކާރުގެ އޮފީސްތަކުގައި ޓެލެފޯން އޮޕަރޭޓަރުންނަށް، ނުވަތަ ރިސެޕްޝަންތަކުގައި ފޯނަށް ޖަވާބުދޭ އެންމެންނެވެ. އެކަމަކު އެމީހުން މި ކަމިޝަނުގައި ހިމެނޭނީ ކާތިބުންގެ ފެންވަރުގައެވެ.
30. ގެހި، މެހި، ވެލި ކަމިޝަން: މުނިސިޕަލްޓީގެ މުވައްޒަފުންގެ އިތުރުން، ސަރުކާރުގެ ބާރު ފޯރާ، ހުރިހާ ގަސްގަހާގެހި، މަސްމަހާމެހި، މާމެލާމެލި އަދި ފަތްޕެލާވެލީގެ ބޭސްތައްވެސް މި ކަމިޝަނުގައި ހިމެނޭނެއެވެ.
31. ޕެންޝަން ކަމިޝަން: 65 އަހަރުން މަތީގެ ހުރިހާ ސަރުކާރު މުވައްޒަފުން ބަދަލުވާނީ މި ކަމިޝަނަށެވެ. އޭރުން އެ އެހެންމެންގެ ނަންތައް އެއް ލިސްޓަކަށް ލެވޭނެއެވެ. އެމީހުން މަރުވަންދެން ތިބޭނީ ހަމަ ކުރިން އުޅުނު ވަޒީފާ ތަކުގައެވެ. ގައުމީ ސަމާހަތަކަށް އޭރުން މުސްކުޅިންނާހެދި އެއްވެސް ނާޒުކުކަމެއް ނާންނާނެއެވެ. މީގެ ތެރެއިން ލޯބޯ ކޮށިވެ، ހަނދާން ބަލިވާ މީހުންނަށް ބޭސް ފަރުވާކުރާނީވެސް މި ކަމިޝަނުގެ ހިލޭ އެހީގެ ދަށުން ޔޫއެންޑީޕީން ލާރި ހޯދައިގެންނެވެ.
32. ބައިނަލް އަގުވާމީ ކަމިޝަން: މި ކަމިޝަނުގައި އުޅޭނީ ބައިނަލް އަގުވާމީ ކަންކަމުގައި އުޅޭ ދިވެހިންނާއި، ދިވެހިން ވަޒީފާދީފައި ތިބޭ ބޭރު މީހުންނެވެ. މީގެ އިތުރުން ސަރުކާރުގައި އުޅޭ ހުރިހާ ދޮން މީހުންނާ، އެފުރިކާ ގައުމުތަކުގެ މީހުންވެސް އަންނާނީ މި ކަމިޝަނުގެ ދަށަށެވެ.
ޒައީމު ޓަބްސް ދެކެފުޅު ވަޑައިފުޅު ގަންނަފުޅުވާ ގޮތްޕުޅުގައި، މިވަރުން އެއްވެސް ހުރަހެއް، އުނދަގުލަކާނުލާ، އެއްވެސް ސަރުކާރުގެ މުވައްޒަފަކަށް ހާޓެޓޭކު ނުޖެހޭ ގޮތަށް، ވަރަށް އިގުތިސޯދީކޮށް ގާނޫނީ ސަރުކާރު އިބުތިހާލުވެރިކަމާއެކު ހިންގާލެވޭނެއެވެ.
ނޯޓް: ފުރަތަމަ ފިޔަވަހީގައި ބައްތިރީސް ކަމިޝަން ހެދި ކަމުގައިވިޔަސް ރައްޔިތުންގެ ޝުއޫރުތަކާ އެއްގޮތަށް އިތުރު ކަމިޝަންތައް ހައްދާ، އުވާލުމުގެ ބާރު ޒައީމް ޓަބްސްގެ ގާނޫނީ ގޮތުން ހޮވޭ ސަރުކާރަށް އަބަދުވެސް އޮންނާނެއެވެ. މަޖުލީހުގެ ތަޅަމުން މި ފަދަ ބިލެއް ހުށަހަޅާތަނުން ބޭރުވެއްޖެއްޔާ، ކޮންމެސް އެހެން ގޮތަކަށް ބައިބައިކޮށްލައިގެން ކަމިޝަންތައް ހަދާނީއެވެ.